ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކާމިޔާބުކަމާއެކު ރަސްމާލެ މަޝްރޫޢު ކުރިއަށްދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފިއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫޢު ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް، އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަމަށް ދެކޮޅު ހެދިކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
"ބަޖެޓު ފާސްވިއިރު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭގޮތަށް ބަޖެޓު ފާސްކުރީ އޭރުގެ މަޖިލީހުން. ރަސްމާލެއަކީ ރައީސްގެ ބޮޑު ވަޢުދެއް. ތާރީޚަށް ބަދަލު އަޔަސް، ވަރަށް ކާމިޔާބު މަޝްރޫޢުއެއްގެ ގޮތުގައި މަޝްރޫޢު ކުރިއަށްދާނެ،" ހީނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އޭރު މަސައްކަތް ކުރީ 10 މަހުން ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދިމާވި މައްސަލަތަކެއްގެ ސަބަބުން، ބައެއް ބަދަލުތައް ޕްރޮޖެކްޓަށް ގެންނަމުންދާކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގައި 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމާލެއަކީ 65,000 ގެދޮރު ޔަގީންވާގޮތަށް ތަރައްޤީކުރަން ނިންމާފައިވާ ރަށެކެވެ. އަދި ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.
ހީނާ ވިދާޅުވިގޮތުގައި، މަޝްރޫޢުގެ ތާރީޚުތަކަށް ބަދަލުތަކެއް އައި ނަމަވެސް، އެ މަޝްރޫޢު ސަރުކާރުން ރޭވިގޮތަށް ކުރިއަށްގެންދާނެއެވެ. އަދި މަޝްރޫޢު އަވަހަށް ނިންމުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ.









