އަންނަ އަހަރުގެ ޖެނުއަރީ މަހު ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އިސްލާމީ މަރުކަޒުގައި ކުރިން ހުރި ލައިބްރަރީ ބަންދުކޮށް، ފޮތްތައް މިދިޔަ އަހަރު ގުދަނަށް ލާފައިވެއެވެ. ނަމަވެސް މިހާރު އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެއެވެ.
"އެތަން ޤާއިމުކުރާނީ ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާއެކު. އަޅުގަނޑުމެންގެ އަމާޒަކީ ޖެނުއަރީ މަހުގެ ކުރިން މި ލައިބްރަރީ އިފްތިތާހުކުރުން. އަދި އިސްލާމީ އެކި މަރުކަޒުތަކުގައި ވެސް ލައިބްރަރީތައް ޤާއިމުކުރާނަން," ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގދ. ތިނަދޫ، ރ. އުނގޫފާރު، ހއ. ދިއްދޫ، އައްޑޫސިޓީ ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ވެސް އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމަށް ވަނީ ނިންމާފައި ކަމަށާ، އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް މި ހުރިހާ ތަނެއްގައި އިސްލާމީ ލައިބްރަރީ ޤާއިމުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއަރުވާ ދެމެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އިމާމުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 402 އިމާމުން ތަމްރީނުކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ އިސްލާމީ މުސްތަޤްބަލް ވަރަށް އުޖާލާ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.









