ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު އެ ކޯޓު އާންމުކޮށް ހުޅުވާލަން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި އާންމު ފަރާތްތަކަށް ކޯޓު ހުޅުވާލެވޭނެ ކަމަށެވެ.
މި ޚާއްޞަ ދުވަހުގައި، ކޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޯޓާ ގުޅޭ އެކިއެކި މަޢުލޫމާތު ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ހާމަކޮށްފައިވެއެވެ. އެ ކޯޓުން ނެރުނު ބަޔާނުގައި ވަނީ “މި "އޯޕަން ޑޭ" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ”.
އެ ކޯޓުން ބުނީ، ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް 7258392 ނަންބަރަށް ގުޅުމުން ނުވަތަ އޮންލައިން ފޯމު މެދުވެރިކޮށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ރަޖިސްޓްރީ ވެވޭނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނީ 18 ސެޕްޓެންބަރު 2008 ގައެވެ.









