ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 398 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 12:40
ޕްރޮސެކިއުޓަރ ޖެނެރަލް, އައްބާސް ޝަރީފް / ފޮޓޯ: ރައީސް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް, އައްބާސް ޝަރީފް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި. ރައީސް އޮފީހުގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އައްބާސް ޝަރީފަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފައެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އައްބާސް ޝަރީފަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވެއެވެ.

އައްބާސް ޝަރީފަކީ މީގެ ކުރިން ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާގެ ނަން ޕީޖީގެ މަގާމަށް ރައީސް މުޢިއްޒު ފޮނުއްވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަން ދިރާސާކޮށް ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 86 މެންބަރުންގެ ތެރެއިން 85 މެންބަރުންގެ ވޯޓުން އައްބާސް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ފާސްކުރެވުނެވެ. މި ވޯޓުގައގައި އެމްޑީޕީގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމްގެ އިސްތިއުފާ އައީ އޭނާއާ ދެކޮޅަށް ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު، ޖުޑިޝަރީ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%