އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި، ޣައްޒާ ހުސްކުރުމަށް މިހާތަނަށް 55 އަށްވުރެ ގިނަ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް އދ. އިން ބުނެފިއެވެ. މި އަމުރުތަކުގެ ސަބަބުން ޣައްޒާގެ 85 އިންސައްތަ ސަރަހައްދު ހުސްކުރެވޭނެ ކަމަށްވެސް އދ. އިން މަޢުލޫމާތު ދީފައިވެއެވެ.
އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވި ގޮތުގައި، 16 ސެޕްޓެމްބަރުގެ ނިޔަލަށް ޣައްޒާގެ 85 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު ހުސްކުރުމަށް 55 އަށް ވުރެ ގިނަ އަމުރު ތަންފީޒު ކުރެވިފައިވެއެވެ. އެންމެ ފަހުން ނެރުނު އަމުރަކީ ޣައްޒާގެ އުތުރުން ހޮނިހިރު ދުވަހު ނެރުނު އަމުރެކެވެ.
އިސްރާއީލުން ނެރޭ މި އަމުރުތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ހިސާބަކަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާކަން ޑޫޖަރިކް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދޭ ޓްރަކްތަކަށް އިސްރާއިލު ފައުޖުތަކުން ބަޑި ޖަހައި ނުވަތަ އެހެން ގޮތަކުން ނަމަވެސް ފުރާނައަށް ނުރައްކާވާ ހާލަތައް ހުށަހެޅެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 41،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ހަމަލާތަކުގައި ޒަޚަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 95،400 އަށް އުފުލިފައެވެ.









