ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މުވައްޒަފުންތަކެއް ވަޒީފާއިން ދޫކޮށްލަން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓުތަކަށް ނަގާފައި ތިބި މުވައްޒަފުންނާއި، 2020 އިން ފެށިގެން އިންހައުސްކޮށް ހިންގި، މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކުގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
ފެނަކައިން މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެންދާ ޕްރޮޖެކްޓުތައް ޚަރަދު ކުޑަކޮށް ނިންމުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިއީ ކުންފުނީގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި، މުވައްޒަފުންނަށް ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.
"މިގޮތުން ދޫކޮށްލެވޭ ގިނަ މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކަކީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓްތަކެކެވެ. ކުންފުނިން އެންމެ އިސްކަމެއް ދޭނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކަމަށްވާތީ، ކުންފުންޏަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރިޔަށް ނުގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ." ފެނަކައިގެ ބަޔާނުގައިވެއެވެ.
މި ނިންމުމުގެ ސަބަބުން ކިތައް މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެކަން އަދި ސާފުވެފައެއް ނުވެއެވެ. އަދި މި މުވައްޒަފުންނަށް ދެވޭނެ ބަދަލެއްގެ ވާހަކައެއްވެސް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ނިންމުމަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ފެނަކައިން ފާހަގަކޮށްފައިވެއެވެ.









