ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ސަޢީދު ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"މީގެ ކުރިން މީޑިއާގައި އަޅުގަނޑު ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ޕްރޮޕޯސަލްއެއް ހުށަހަޅާފައޭ ވާނީ. މިހާރު މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން އަނެއްކާވެސް ޕޭޕަލްއާ އެއްކޮށް މަޝްވަރާތަކެއް ގެންގޮސް އެބޭފުޅުން ރާއްޖޭގެ ކުރޮސް ބޯޑާ ޓްރާސްސެކްޝަންއަށް ބޭނުންވެގެން ހޯދަން ބޭނުންފުޅުވި މުހިންމު މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ފޯރުކޮށްދީފަ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ޓާގެޓް ޝެޑިއުލްގައި އެބަދޭ، ލަފާ ކުރެވެނީ ވަރަށް އަވަހަށް ޕޭޕަލްއާ އެއްކޮށް ކުރޮސް ބޯޑާ ޓްރާސްސެކްޝަންތައް ފެއްޓޭނެ ކަމަށް" ސައީދު ވިދާޅުވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ ޒުވާނުންނަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް އީ-ކޮމާސް ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޕޭޕަލްއަކީ ބައިނަލްއަޤްވާމީ ފައިސާ ފޮނުވުމާއި ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމުން، ބައިނަލްއަޤްވާމީ މުޢާމަލާތްތައް ފަސޭހަވެ، އޮންލައިން ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.