ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ.
މިއަހަރުގެ ޝިޢާރަކީ "ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން" އެވެ. އަދި މި ޝިޢާރުގެ ނަޢާރަކީ "ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން" ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) އިން 2024 ވަނަ އަހަރު ޝާއިޢުކުރި ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 16 އިންސައްތަ މީހުންނަށް ބަލި ދެނެގަތުމުގައި ލަސްވުމުގެ ސަބަބުން، ފަރުވާ ދިނުމުގައި ލަސްތަކެއް ދިމާވެ، އެފަރާތްތަކުގެ ޞިއްޙީ ހާލަތު ނާޒުކުވެފައިވެއެވެ. މީގެ އިތުރުން، ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ މީހެއްގެ ޙަޔާތުގައިވެސް މަދުވެގެން އެއްފަހަރު ބަލި ދެނެގަތުމުގައި އޮޅުންތަކެއް އުފެދިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ހެލްތް މިނިސްޓްރީން މި ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ އާންމުން ހޭލުންތެރިކުރުމަށާއި ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ގުޅުން ހަރުދަނާކޮށް އެއްބާރުލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ބަލި ރަނގަޅަށް ދެނެގަތުމަކީ ބަލީގެ އަލާމާތްތައް ދެނެގަނެ، އެމީހަކަށް ބޭނުންވާ ފަރުވާ އަވަހަށް ހޯދުމަށް ސަމާލުކަން ދޭންޖެހޭ އެންމެ މުހިއްމު ކަން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި ޑައިގްނޯސްޓިކް ސޭފްޓީ ނުވަތަ ބަލި ދެނެގަތުމުގައި ދިމާވާ ހުރަސްތައް މަދު ކުރެވޭނީ ހަރުދަނާ ނިޒާމްތަކެއް ބިނާކޮށް ދިމާވާ މައްސަލަތަކާއި ޑައިގްނޯސްޓިކް އެރަރސް ނުވަތަ ބަލި ދެނެގަތުމުގައި ހެދޭ ގޯސް މެދުވެރިވުމަށް ޙައްލެއް ހޯދައިގެންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހަޅުމަށް އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް މިއަދު އިފްތިތާޙް ކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުޙިއްމު އަދި ބޭނުންތެރިޗކަމެއް ކަމުގައި މިނިސްޓްރީން ދެކޭކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހެލްތް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަލި މީހާގެ ސަލާމަތްތެރިކަމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ އެއްކަމަކީ، ޞިއްޙީ ޚިދުމަތްތެރިންނާއި ބަލިމީހާ އާއި ދެމެދު ރަނގަޅަށް މުޢާމަލާތު ނުކުރެވުމާއި މަސައްކަތުގެ ބުރަތަކާއި، ޓީމް ވޯކް ފުރިހަމައަށް ނުކުރެވުންކަމަށެވެ. އަދި ޑައިގްނޯސްޓިކް ސޭފްޓީ އަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނަށް ފުރިހަމަ ތަމްރީނު ލިބުމާއި ތަޖުރިބާގެ މަދުކަމުންނާއި ވަރުބަލިކަމާއި ސްޓްރެސް އިން ދިމާވެދާނެ ކަންތައްތައް ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޑައިގްނޯސްޓިކް ސޭފްޓީއަށް އިސްކަންދީ، ސިސްޓަމްތައް ހަރުދަނާކުރުމާއި، ރައްކާތެރި ޑައިގްނޯސްޓިކް މަގުތައް ފަރުމާކުރުމާއި، ރަނގަޅު ނިންމުންތައް ނިންމުމުގައި ޞިއްޙީ ޚިދުމަތްތެރިންނަށް އެހީތެރިވުމާއި، މުޅި ޑައިގްނޯސްޓިކް ޕްރޮސެސްގައި ބަލިމީހުން ބައިވެރިކުރުމަށް ހުރިހާ އެންމެން މަސައްކަތް ކުރަމުން ގެންދިއުމަކީ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް މަގު ފަހި ކުރެވޭނެ ކަންކަން ކަމަށް މިނިސްޓްރީން ދެކޭކަމަށެވެ.
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މި ދުވަހުގެ ހެޔޮއެދުންތައް ފޮނުވާފައެވެ.








