ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ މީގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ވިޔަފާރިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"ޗައިނާއިން ރާއްޖެއަށްއެތެރެ ކުރާ މުދަލުގެ 91 އިންސައްތަ ޑިއުޓީ ދައްކާކަށް ނުޖެހޭނެ. އެހެންވީމަ މިހާރު ދައްކާ ޑިއުޓިއެއް 0 އިންސައްތައް ތިރިވެގެންދާނެ. މިއާއެކު ޗައިނާ އިން ގެންނަ ތަކެތިން ވަރަށް ބޮޑު ތަނުން އަގު ހެޔޮވެގެން ދާނެ." ސައީދު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި ރުފިޔާއިން ޗައިނާއިން މުދާ ގަނެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ޗައިނާއާއެކު ކުރެވޭ ބައިލެޓަރަލް ވިޔަފާރި 700 މިލިއަނާއި 1 ބިލިއަން ޑޮލަރާ ދެމެދުގައި ހުންނަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ސޮއިކުރެވި، 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައިވާ އެއްބަސްވުމެކެވެ.
މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރުމާ މެދުވެސް މަޝްވަރާކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، އެހެން ޤައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް ވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދުކުރާކަމަށް ސައީދު ވިދާޅުވިއެވެ.









