ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާންގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށައިފިއެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އިހުސާނުގެ ތުރެޓް ލެވެލް މަތިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފުން އިހުސާންގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށެވެ.
އިހުސާންގެ މަސްއޫލިއްޔަތުގެ ދަށުގައި މިވަގުތު ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ އެތައް މުހިންމު އިދާރާއެއް ހިމެނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، އިހުސާން ގެންދަވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ހިނގާ ކަންތައްތައް ހުއްޓުވައި، ގޭންގު މާރާމާރީއާއި ކުށްތައް މަދުކުރުމަށް މަސައްކަތްކުރައްވަމުންނެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށާއި، ކުށްތަކާއި އެކްސިޑެންޓުތައް މަދުކުރުމަށް ވެސް އިހުސާން ގެންދަވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވަމުންނެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ވެސް އިހުސާން ވަނީ އަމާޒު ހިފާފައެވެ.









