ސަރުކާރުން އެކުލަވާލަން ފަށާފައިވާ 20 އަހަރުގެ "ޤައުމީ ތަރައްޤީގެ ޕްލޭން" ގެ ސަބަބުން، ސަރުކާރު ބަދަލުވިޔަސް ރައްޔިތުންނަށް ފައިދާހުރި މުހިންމު މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ލިބިގެންދާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، މި ޕްލޭނަކީ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކޮށްގެން އެކުލަވާލެވޭނެ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި އިދިކޮޅު ޕާޓީތަކުގެ ޚިޔާލުވެސް ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ސަރުކާރެއް އަންނަނީ ޤައުމުގެ ތަރައްޤީއަށް ވަރަށް ގިނަ ވަޢުދާ އެކީގަ. ސަރުކާރު ނިމި އަނެއް ސަރުކާރަށް ބަދަލުވާއިރު އަނެއްކާ ގިނަ ބަދަލުތަކެއް އެބަ ގެނޭ. އޭގެ ގެއްލުމާ ކުރިމަތިވަނީ ރައްޔިތު މީހާއަށް. އެހެންވީމަ ދެމެހެއްޓެނިވިގޮތުގައި ތަރައްޤީ ގެންނަން މި ޕްލޭން ވަރަށް މުހިންމު." ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް 1 އަހަރު ތެރޭގައި ނިންމުމަށް ރޭވިފައިވާ ކަމަށާއި، މި ޕްލޭނަކީ ޤާނޫނީ ބާރު ލިބޭގޮތަށް އެކުލަވާލެވޭނެ ޕްލޭނެއް ކަމަށެވެ.
"މި ޕްލޭނަކީ ޑިމޮކްރަސީގެ ރަނގަޅު މިސާލެއް. އެއީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން އެކުލަވާލެވޭ އެއްޗަކަށްވާތީ." ހީނާ ވިދާޅުވިއެވެ.
މި ޕްލޭންގެ ސަބަބުން ދިގު މުއްދަތަކަށް ރާވައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.









