ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުންފުނީގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެއް ރޭ ތަޢާރަފްކޮށްފިއެވެ.
މި މަގުޗާޓް ތަޢާރަފްކޮށްފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވި ޚާއްޞަ އިވެންޓެއްގައެވެ.
މި މަގުޗާޓުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި "ގިރުނބާ ޕޯޓަލް" ހިމެނެއެވެ. މި ޕޯޓަލްގެ ޒަރިއްޔާއިން ރަށްރަށުގެ ފެނަކަ ޚިދުމަތްތަކުގެ ޑޭޓާ ވަގުތުން ބެލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މުވައްޒަފުންގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެޗްއާރް ސޮފްޓްވެއަރއެއްވެސް ތަޢާރަފްކުރުމަށް ރޭވިފައިވާކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން، ޓެންޑަރ، ޓިކެޓިން، ފިއުލް މެނޭޖްމަންޓް އަދި މައިފެނަކަ ފަދަ އިތުރު ޕޯޓަލްތަކެއްވެސް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
ތ. އަތޮޅުގައި ސެންޓްރަލް ސްކާޑާ ސިސްޓަމެއް ބޭނުންކުރަން ފަށާފައިވާއިރު، ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރ ޤާއިމްކޮށްފައިވާކަންވެސް ރޭގެ އިވެންޓުގައި ވަނީ ފާހަގަކޮށްފައެވެ.
ފެނަކައިން މި މަގުޗާޓް ތަޢާރަފްކޮށްފައިވަނީ މިއަހަރު ނިމުމުގެ ކުރިން ކުންފުނީގެ މަސައްކަތްތައް ފުރިހަމައަށް ޑިޖިޓަލައިޒްކޮށް ނިންމުމުގެ އަމާޒުގައެވެ. މި މަގުޗާޓުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޚިދުމަތްތައް އަވަސްވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.









