ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ރައީސް ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިއަދު ރައީސް އޮފީހުން ނެރުނު ވީޑިއޯ ބަޔާނެއްގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ޕްލޭން އެކުލަވާލާނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުއެވެ. އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ލިބޭނެ ގޮތަށް ޚާއްޞަ ޤާނޫނެއް ވެސް އެކުލަވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ހުރިހާ ރަށަކުން މަޝްވަރާ ހޯދާނެއެވެ. މީގެ ތެރޭގައި އެކިއެކި ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ކުޅިވަރު ދާއިރާގެ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކާއި، އަދި ޤައުމަށް ޚިދުމަތްކުރާ އެހެނިހެން ފަރާތްތަކާވެސް މަޝްވަރާކުރެވޭނެއެވެ.
"މިއީ އެންމެންގެ ބައިވެރިވުން އޮންނަ ފުރިހަމަ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތެއް. މި މަސައްކަތުގައި އިޤްތިޞާދީ، އިޖްތިމާޢީ، ގަވަރނަންސް، އިންސްޕޭޝަލް ޕްލޭނިންގ އަދި އާބަން ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެ. އެހެންނަމަވެސް މި މަސައްކަތް ލީޑްކުރާނީ ދިވެހިން" ރައީސް ވިދާޅުވިއެވެ.
މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ ތަޞައްވުރު ކަނޑައެޅުމާއި، އެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.









