ގދ. ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ، މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް ނިންމުމުގައި މަސައްކަތް ކުރި މުވައްޒަފުންނަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތް ކުރި މުވައްޒަފުންނަށް ހާއްސަ ޝުކުރު އަދާކޮށްފައިވެއެވެ.
ތިނަދޫގެ މަގުތައް ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 79 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އާރްޑީސީއިން ކޮށްފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 19 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައި ވެއެވެ.
ތިނަދޫ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ފެށިފައި ވަނީ ނިމިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރުއެވެ. މި މަޝްރޫޢު ނިމުމާއެކު ތިނަދޫގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ.









