ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އަދި ފުނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ 2 ވަނަ ދައުރު ނިމުނީ އޯގަސްޓު 22 ވަނަ ދުވަހުއެވެ. އެ ދައުރުގައި މަޖިލީހުގެ 82 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގެ ތެރެއިން، ދައުރުން ބޭރުގައި ބޭއްވުނު ތިންވަނަ ޖަލްސާ ނިންމަވަމުން، އަބްދުއްރަހީމް މިއަދު ވިދާޅުވެފައިވަނީ، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެޖެންޑާގައި ހިމެނޭ އެންމެހައި މަސައްކަތްތައް މިއަދުގެ ޖަލްސާގައި ފުރިހަމަކޮށް ނިންމާލެވިފައިވާ ކަމަށެވެ.
ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާއެއްގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްބާސް ޝަރީފް އައްޔަންކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.. މީގެ އިތުރުން، ކުންފުނިތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުވެސް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ 3 ވަނަ ދައުރު ފެށުމާއެކު، ގިނަ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.









