ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރުމަށް ހުށަހެޅުނު އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ
މި އިޞްލާޙު ފާސްކުރެވުނީ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ތިންވަނަ ޚާއްޞަ ޖަލްސާގައި 85 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުމެވެ.
އިޞްލާޙުގެ މުހިންމު ބައިތަކުގެ ތެރޭގައި:
- ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދޭންޖެހުން.
- ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ދިނުން.
- ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުޞަތު ފަހިކުރުން.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، ޖަލްސާ ބޭއްވުމަށް ދަޢުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައެވެ. އަދި ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދޭން ޖެހެއެވެ. އައު އިޞްލާޙުގައި ވަނީ މި މުއްދަތުތައް ކުރުކޮށްފައެވެ.
މީގެ އިތުރުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ ޢަދަދަށް ޑިރެކްޓަރުން އައްޔަންކުރުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް އެންގުމުން 10 ދުވަހުގެ ތެރޭގައި އެކަން ކުރަންޖެހޭ ގޮތަށް އިޞްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރެއްވުމުންނެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން އަވަސްވެ، ހަރުދަނާވާނެ ކަމަށް ބެލެވެއެވެ.









