ފަލަސްޠީނުގެ ނަސްލު ނައްތާލަމުންދާއިރު އެކަން ނުހުއްޓުވިދާކަމަކީ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ޙާދިސާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ފަލަސްޠީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން މަރައި ނަސްލު ނައްތާލަމުންދާއިރު މިކަން ނުހުއްޓުވިދާކަމީ އިންސާނިއްޔަތުގެ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ޙާދިސާ ކަމަށެވެ.
އެ ޕޯސްޓްގައި ޝަހީމް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރަޙުމަތް ލެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 41،226 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، މީގެ 70 ޕަސެންޓަކީ ކުޑަކުދިންނާއި އަންހެނުންކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އިސްރާއީލުން ދެމުންދާ ޙަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.
އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު، އިސްރާއީލުން އަންނަނީ ޣައްޒާއަށް ހުއްޓުމެއް ނެތި ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.









