ދިވެހި ދިދައާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށެވެ. އަދި މިހާރު ނިޝާނުގެ އިންތަކާއި މިންތައް ކަނޑައެޅޭ ވަކި ހަމަތަކެއް ގާނޫނެއްގެ ސިފައިގައި ލިޔެވިފައި ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ވިސްނުން އެކަމުގައި އެބައޮތް. އަދި އެކަން މިހާރު ތާވަލު ކުރެވިފައި ވެސް އެބައޮތް. ދިވެހި ދައުލަތުގެ މިކަހަލަ ގައުމީ ރަމްޒުތައް ހިމާޔަތް ކުރުމަށްޓަކައި ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ،" ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ދިވެހި ދިދައަށް ހުރިހާ ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ދިނުން ހިމެނޭ ކަމަށެވެ. އަދި ދައުލަތުގެ ނިޝާނާއި ދިވެހިންގެ އިއްޒަތާއި ގުޅިފައިވާ މިފަދަ ހުރިހާ ކަމެއް މި ގާނޫނުގެ ތެރެއިން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ ރަސްމީ އޮފީސްތަކާއި އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގާފައި ބަހައްޓަން ވަނީ އަންގަވާފައެވެ. މި ގާނޫނު އައުމުން ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.









