އިންޑިޔާގެ ކެރެލާ ސްޓޭޓުގައި ނުރައްކާތެރި ނިޕާ ވައިރަސްގެ ސަބަބުން 24 އަހަރުގެ މީހަކު މަރުވެއްޖެއެވެ. މިއީ މިއަހަރުގެ ޖުލައި މަހަށްފަހު މި ބަލީގައި ކެރެލާއިން މަރުވި ދެވަނަ މީހާއެވެ.
ކެރެލާގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މަރުވި މީހާއާ އެއްތަންވެފައިވާ 151 މީހުން ދެނެގަނެވިފައި ވެއެވެ. ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
މި ފަހަރު މަރުވި މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ފެށީ ސެޕްޓެންބަރު 4 ވަނަ ދުވަހުއެވެ. އޭނާ މަރުވެފައިވަނީ ސެޕްޓެންބަރު 9 ވަނަ ދުވަހުއެވެ. މަރުވި މީހާގެ ލޭގެ ސާމްޕަލް ތަހުލީލުކުރުމުން ނިޕާ ވައިރަސް ޖެހިފައިވާކަން ކަށަވަރުވިއެވެ.
ނިޕާ ވައިރަސްއަކީ ވާލާއި އޫރު ފަދަ ޖަނަވާރުންގެ ފުށުން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަށް ވެކްސިނެއް ނުވަތަ ޚާއްޞަ ފަރުވާއެއް ނެތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާ ގޮތުގައި މިއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.
ކެރެލާގައި ނިޕާ ވައިރަސް ފުރަތަމަ ފެނުނީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް މި ބަލީގައި ދޮޅަހަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކެރެލާއަކީ ގިނަ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އަދި ދިރިއުޅޭ ތަނަކަށްވުމާއެކު، މި ބަލި ފެތުރުމުގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވެއެވެ.









