ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފަށާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު އުފުލި، ޑޮލަރަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުވެގެންދާނެ, އަދި ޗައިނާއާއެކު ކަރަންސީ ސެޓަލްމެންޓް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަންވެސް އުފަލާއެކު ދަންނަވަން."" ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެހެން ބޮޑެތި ޤައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ސަރުކާރުން ވިސްނާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި އެބަކުރެވޭ. އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ކުރެވޭ އެފްޓީއޭއާއި އެކީގައި، ޢަމަލު ކުރަން ފެށުމާއިއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ." ހީނާ ވިދާޅުވިއެވެ.
މި އެއްބަސްވުން ތަންފީޒުކުރަން ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އެއްބަސްވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ހީނާ ވިދާޅުވިއެވެ.









