ބާޒާރުގައި ފިޔާގެ ދަތިކަމާއި އަގުބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، އަންނަ ހަފުތާގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ފިޔާ ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިކަން ހީނާ ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހީނާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން އެކްސްޕޯޓްކުރާ ފިޔާގެ އަދަދު މަދުވުމުގެ ސަބަބުން ރާއްޖޭގައި ފިޔާގެ އަގު ވަނީ މަތިވެފައެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި އަސާސީ މުދަލުގެ ލިސްޓެއް އޮންނަ ކަމަށާއި، އެ ލިސްޓުގައި ހިމެނޭ އެއްޗެއް މަދުވެއްޖެނަމަ ސަރުކާރުން އިސްނަގައިގެން ހައްލުކުރަން މަސައްކަތްކުރާ ކަމަށް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިފަދަ ހާލަތްތަކުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ،
އެގޮތުން، ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ފިޔާގެ ދަތިކަމާއި އަގުބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި އަދި މި މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ ހަފުތާގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ފިޔާ ގެނައުމަށް ހަމަޖެހިފައިވާކަން ހީނާ ފާހަގަކުރެވެއެވެ.









