ދިވެހި، ޢަރަބި އަދި އިނގިރޭސި ބަހުން ޚިދުމަތްދޭ ކޯލް ސެންޓަރެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފިއެވެ.
އައިޔޫއެމް އިން ބުނީ މި ކޯލް ސެންޓަރަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި 3 ބަހުރުވައިން ޚިދުމަތްދޭ ކޯލް ސެންޓަރު ކަމަށެވެ. އެގޮތުން މި ކޯލް ސެންޓަރުން ދިވެހި، ޢަރަބި އަދި އިނގިރޭސި ބަހުން ޚިދުމަތްދޭއިރު، އެ ޔުނިވަރސިޓީގެ ހޮޓްލައިން، 1405 މެދުވެރިކޮށް ކޯލް ސެންޓަރަށް ގުޅޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.
ގިނަ ޢަދަދަކަށް ޢަރަބި ބަސް ކިޔަވާ ދަރިވަރުން އެ ޔުނިވަރސިޓީގައި ތިބުމާއެކު، ޢަރަބި ބަހުން ކޯލް ސެންޓަރުގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން ޢަރަބިބަސް ކިޔަވައިދިނުން ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރި މަސައްކަތެއް ކަމަށް އައިޔޫއެމް އިން ބުންޏެވެ.
އައިޔޫއެމް އިން ބުނީ މި ކޯލް ސެންޓަރުގެ ސަބަބުން ރާއްޖޭގައި ތަޢުލީމް ޙާސިލްކުރަން ބޭނުންވާ ބޭރުގެ ދަރިވަރުން، އެ ޔުނިވަރސިޓީއަށް އެންރޯލްވުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
އައިޔޫއެމް އަކީ ރާއްޖޭގައި ހަމައެކަނި ހުންނަ 2 ޔުނިވަރސިޓީގެ ތެރެއިން އެއް ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީގައި ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުން ފެށިގެން ޕީއެޗްޑީ ޕްރޮގްރާމްތަކާ ހަމައަށް ކިޔެވެއެވެ.