ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބައްޔަށް މިދިޔަ މަހު 5,460 މީހުން ފަރުވާ ހޯދާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ގައިންގަޔަށް އަރާ ބަލިތަކުގެ ޙާލަތުގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގައިވާ ގޮތުން އަހަރުގެ މިހާތަނަށް ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުއެވެ.
އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އޮގަސްޓް މަހު ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބައްޔަށް 5,460 މީހުން ފަރުވާ ހޯދާފައިވާއިރު، ޖުލައި މަހު މި ބައްޔަށް ފަރުވާ ހޯދާފައިވަނީ 5,106 މީހުންނެވެ.
މި ބައްޔަށް ފަރުވާ ހޯދި މީހުން އޮގަސްޓް މަހު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރަށް ހިނގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
- ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
- ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
- ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުން.
- ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
- ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ކައްކައިގެން ބޭނުން ކުރުން.
އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޖުލައި މަހު 577 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، އޮގަސްޓް މަހު އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 393 މީހުންނެވެ.
ނަމަވެސް ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު 30,486 މީހުންނަށް އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، އޮގަސްޓް މަހު 32,258 މީހުންނަށް އެ ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.








