ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް އައްބާސް ޝަރީފް އައްޔަންކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ޕީޖީގެ މަޤާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް އެ ކޮމިޓީން ނިންމީ އެކަމަށްޓަކައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އައްބާސްއާ އިންޓަވިއު ކުރުމަށްފަހުގައެވެ.
އިންޓަވިއުއަށް ފަހު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ވިދާޅުވީ އައްބާސް އާ މެދު އާންމުންގެ ޝަކުވާއަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި، އިންޓަވިއު އިން އެވްރެޖްކޮށް އޭނާ އަށް 93.91% ލިބިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި ޕީޖީ ކަމަށް އައްބާސްގެ ނަން ފާސްކުރުމަށް ތާވަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގާނޫނުގައިވާ ގޮތުން، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހޭއިރު، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މި ސަބަބާ ހެދިއެވެ.
ޕީޖީގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމް މިިދިޔަ މަހުގެ 22 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ޝަމީމުގެ އިސްތިއުފާގެ ސިޓީ ނުލިބޭކަމަށް ބުނެ، އެ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޕީޖީގެ މަޤާމުން ޝަމީމް ވަކިކުުރުމަށް ނިންމާފައެވެ.









