ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރު ކުރުމަށާއި ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރު ކުރުމަށް ކުންފުންޏާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ 77 މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން އެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ބިލު ދިރާސާކޮށް ފާސްކޮށްފައެވެ.
މި އިޞްލާޙުގެ މަޤްޞަދަކީ ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުމެވެ. މިހާރު ޤާނޫނީ އޮންނަ ގޮތުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދެވެއެވެ. ނަމަވެސް، އައު އިޞްލާޙުގެ ދަށުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދޭންޖެހޭނެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެއެވެ.
މީގެ އިތުރުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވަންޖެހޭނެ ކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މިހާރު އޮންނަ ގޮތުން މި ނޯޓިސް ދޭންޖެހެނީ 14 ދުވަސް ކުރިންނެވެ. އިޞްލާޙުގައި ހިމެނޭ އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރުކުރުމާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވެފައިވާނަމަ 10 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަންކުރަންޖެހުން ހިމެނެއެވެ.









