ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ވަޒީރު ޔޫސުފް ނައީމްގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކުގެ ޝަރީޢަތް މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި ނިންމުން ނިންމެވީ މިއަދު ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހައިކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ. ނަމަވެސް އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމުމާ ގުޅިގެން، ދައުލަތުން ވަނީ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލުން އެދިލެއްވީ ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށެވެ. މި އެދުމަށް ގާޒީ އަލީ ނަދީމް ވަނީ އިޖާބަދެއްވާފައެވެ.
ގާޒީ އަލީ ނަދީމް ވިދާޅުވީ ދެ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމެވި ކަމަށެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ އިތުރުން ކުރީގެ ވަޒީރު ޔޫސުފް ނައީމްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލައިގެ ޝަރީޢަތް ދެން ކުރިއަށްދާނީ ސުޕްރީމް ކޯޓުގެ މައްސަލަ ނިމުމުންނެވެ.









