ހދ. ކުޅުދިއްފުށީގައި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ޕޯޓުގައި ބޯޓުޔާޑެއް ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެތަނުގެ ހިދުމަތް ފެށޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ ، ބޯޓުޔާޑުގެ ސަބަބަުން ، ގެއްލުމުގައި މިހާރު ހިންގާ ކުޅުދުއްފުށީ ބަނދަރަށް ފައިދާވާ ވާނެއެވެ.
“މިހާރު ބޯޓުޔާޑު ގާއިމުކޮށް ނިމިފަ ހުރީ. ދެން އޮތީ ބޯޓު ބަންނަން ފެށުން.”އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ..
ކުޅުދުއްފުށި ޕޯޓުގައި ބޯޓުޔާޑުގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި އިއްޔެ ވަނީ އެމްޕީއެލްގެ ލޭންޑިން ކްރާފްޓަކަށް ބަރުކޮށްފައި ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ތަކެތި ކުޅުދުއްފުއްޓަށް ގެންދެވުމުން ބޯޓުޔާޑުގެ ހިދުމަތް ފެށިގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ބޯޓުޔާޑުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން މިހާރު ތަމްރީނުކޮށް ނިމިފައިވާކަން ވަޖީހު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކުޅުދުއްފުށީގައި ފައިބަރު މަސައްކަތް ކުރާ ބޯޓުޔާޑެއް ގާއިމު ކުރާއިރު ތިލަފުށީގައި އޮތް އެމްޕީއެލްގެ ބިމެއްގައި ދަގަނޑު ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމަށްވެސް ނިންމާފައިވާކަމަށް ވަޖީހު ވިދާޅުވި އެވެ.









