ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަން ފަށްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ. މިހެން ބުނެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ސިޔާސީ ނިޒާމު ތަޢާރަފުވިތާ 16 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެފަދަ މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކޮށްފައި ވެއެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާގޮތަށް ބަދަލު ކުރެއްވުމާއި ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ބަދަލު ކުރެއްވުން ފަދަ ކަންކަން ހިމެނޭ ކަމަށް ޕީއެންސީން ވަނީ ފާހަގަ ކުރިއެވެ. މި ކަންކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ދުރު ރާސްތާގައި އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހު ވާނެ ކަންކަން ކަމުގައި އެ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން "މޯލްޑިވްސް ފަސްޓް" ސިޔާސަތު ތަޢާރަފު ކުރައްވާފައިވާ ކަމަށާއި، މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވައި ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާފައިވާކަން ޕީއެންސީން ފާހަގަ ކޮށްފައި ވެއެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކޮށްދެއްވާފައި ވާކަންވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ނިމުމަކަށް ގެންނަވައި، ރައީސް މުޢިއްޒު ގެންދަވަނީ ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވަމުން ކަމަށާއި، އަދި މަޑުމައިތިރި ކަމާއެކު އެމަނިކުފާނު ޤައުމީ މައްސަލަތަކާމެދު ތެދުބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ އިސްލާމީ އަޚްލާޤުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުޅުންނާއި ބަސްފުޅުން ދައްކަވަމުން ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަން އިސް ނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން، ހަމަޖެހުމާއި ސުލްޙަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމެވެ.
އިސްލާމީ ގިއުގަނޑުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ އާއި ދައުލަތުގެ ހިންގުން ކަށަވަރުކޮށް، ، ދިވެހި ދައުލަތަކީ ކުރިއަރާފައިވާ ދައުލަތަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީއެންސީން ޝުކުރު އަދާކޮށްފައި ވެއެވެ.
ރައީސް މުޢިއްޒު ގެންނަވަން ފަށްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ކަމަށް ޕީއެންސީއިން ބުންޏެވެ.









