ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު 10 ދުވަހަށް ކުރުކުރުމަށް ހުށަހަޅާ އިޞްލާޙެއް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މި އިޞްލާޙަކީ ކުންފުނީގެ ޤާނޫނަށް ގެނެވޭ އިޞްލާޙެކެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުމެވެ. މިހާރު ޤާނޫނީ އޮންނަ ގޮތުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދެވެއެވެ. ނަމަވެސް، އައު އިޞްލާޙުގެ ދަށުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދޭންޖެހޭނެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެއެވެ.
މީގެ އިތުރުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވަންޖެހޭނެ ކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މިހާރު އޮންނަ ގޮތުން މި ނޯޓިސް ދޭންޖެހެނީ 14 ދުވަސް ކުރިންނެވެ. އިޞްލާޙުގައި ހިމެނޭ އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރުކުރުމާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވެފައިވާނަމަ 10 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަންކުރަންޖެހުން ހިމެނެއެވެ.
މި އިޞްލާޙު ފާސްވެއްޖެނަމަ، ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާތައް އަވަސް މުއްދަތެއްގެ ތެރޭގައި ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ









