މިދިޔަ ސަރުކާރުގައި ހަރަދުތައް ކުރަމުންދިޔައީ ކޮންޓްރޯލުން ނެއްޓި ކަމަށާއި އެ ފަސް އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި އޮތީ 200 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް ގަވަރަނަރު އަޙްމަދު މުނައްވަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިއީ ރައްޔިތުންނަށް އެނގެންޖެހޭ ކަންތަކެވެ. އަޅުގަނޑުމެންގެ ކޮންމެ ބޮލަކަށް ދަރާފައިވާ މި ފައިސާގެ އަސްލު ސަބަބު މިއޮތީ ފެންނާށެވެ. ފައިސާ ނެގީ ކޮން ވެރިކަމެއްގައިކަން މިއޮތީ ހެކި ފެންނާށެވެ. މިއީ ދައުލަތުން އަދިވެސް ނުދައްކާހުރި ފައިސާ ތަކެވެ. ރާއްޖޭގޭ އިގްތިސާދު ނުތަނަވަސްކަމަށް އައީ މި ސަބަބާއި ހެދިއެވެ. މިއީ ކުރީ ސަރުކާރުތަކުގެ މައްސަލައެކެވެ.
ލޯނުތަކާއި ލޯނު ދޫކުރި ފަރާތްތައް:
ނުދެއްކި ހުރި ދަރަނިތަކަށް އަވަސް ނަޒަރަކުން ބަލާލާނަމެވެ. ނުދެއްކި ހުރި މުހިންމު ބައެއް ލޯނުތަކުގެ ތެރޭގައި ހިމެނެނީ؛
- ހުޅުލޭގައި ހުންނަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކޮށް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ 373.8 މިލިއަން ޑޮލަރު.
- އިބްރާހިމް ނާސިރު އެއާޕޯޓް އަޕްގްރޭޑް ޕްރޮޖެކްޓަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 375 މިލިއަން ޑޮލަރު.
- ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް ހުޅުމާލެ އައިލެންޑްގެ 300 މިލިއަން ޑޮލަރެވެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 183.6 މިލިއަން ޑޮލަރު
- ގުޅީފަޅު ރިކްލެމޭޝަން އެންޑް ރިވެޓްމަންޓް ވޯކްސް އާއި ގުޅީފަޅު ބަނދަރު ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 101.7 މިލިއަން ޑޮލަރު
- ޑޮލަރު ކްރެޑިޓް ލައިން އެގްރީމަންޓަށް ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ އިން 800 މިލިއަން ޑޮލަރު.
މި ލޯނުތަކަކީ އިގްތިސާދީ ކުރިއެރުން އިތުރުކުރުމަށޭ ބުނެ ޕްރޮޕޯސަލްތައް ހަދައިގެން ނެގި ލޯނުތަކެކެވެ. ލޯނު ލިބުނީމާ މި ފައިސާތައް ރަނގަޅަށް މެނޭޖް ނުކުރެވުނީއެވެ. ލިބުނު ފައިސާއިން އެންމެ ފައިސާ ފޮއްޗެއް ވެސް އިތުރު ނުކުރެވުނު ތާނގައި އެފައިސާ ޚަރަދުކުރީ ރިކަރަންޓް ޚަރަދަށެވެ. ނަތީޖާއަކީ މި ދަރަނިތައް މިހާރުގެ ސަރުކާރަށް ދައްކަން މަޖުބޫރު ވުމެވެ. މިހާރު ވަނީ ބޮޑު އިންޓަރެސްޓެއް ވެސް ޖަމާވެ ފައިސާ ދެއްކުމުގެ ޕްރެޝަރާއި ކުރިމަތިވެފަ އެވެ.
ފައިސާ ނުދައްކާ ހުރި ފާހަގަކޮށްލެވޭ އެހެން ލޯނުތައް
- އެފޯޑަބަލް ހައުސިން ސްކީމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 94 މިލިއަން ޑޮލަރު.
- މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް އަދި މޯލްޑިވްސް އެންހަންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު ޕްރޮގްރާމް ފަދަ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ހިމެނޭ ގޮތަށް އެކި ފަރާތްތަކުން 50 މިލިއަން ޑޮލަރު.
ޖުމްލަ ޕެންޑިންގ ލޯން ޕޭމަންޓް
ތިރީގައިވާ ގްރާފުގައި ބޭރުގެ ބޮޑެތި ދަރަނިތަކާއި އެ ދަރަނިތަކުގެ ކްރެޑިޓަރުން ދައްކުވައިދޭއިރު، ކުރީގެ ވެރިކަންތައް ބޭރުގެ ލޯނުތަކަށް ބަރޯސާވި މިންވަރު ދައްކުވައިދެއެވެ.

ޖުމްލަ ނުދައްކާ ހުރި ލޯނުތަކުގެ އަދަދު ގާތްގަނޑަކަށް 4.15 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ ދިވެހިރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް ވަރަށް ބޮޑު އަދަދެކެވެ. ނަމަވެސް މިއަދަދުތައް އެކްސްޗޭންޖު ރޭޓަށް އަންނަ ބަދަލުގެ ސަބަބުން އިތުރުވުމަކީ ނުވަތަ މަދުވުމަކީ ވެދާނެ ކަމެކެވެ.
މިއީ ބަޔަކާއި ވެރިކަން ޙަވާލު ކުރީމާ އެބަޔަކު ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި ތަކެވެ. މިއީ ވެސް ޚިޔާނާތުގެ ވައްތަރެކެވެ. މަކަރުވެރި ރޭވުމުގެ ވައްތަރެކެވެ. "އަހަންނަކީ ރަށު އޮފީހުގެ ކައުންސިލަރޭ، އަންނަ ދައުރުގައި ދަރަނި ޚަލާސްކުރާ ގޮތަށް ދީބަލާށޭ މިލިއަނެއްހާ ޑޮލަރޭ ބުނެ މީހެއްގެ އަތުން ފައިސާ ނަގުމަށްފަހު ހިތުހުރި ގޮތަކަށް ފައިސާ ޚަރަދު ކޮށްފައި، ދެން އަންނަ ދައުރުގައި މިދެންނެވި ކައުންސިލަރު ނުހޮވޭއިރު އޭނާ އެ ނެގި ފައިސާ ރަށު އޮފީހުން ދައްކަން ޖެހުނީމާ އެ ޖެހުނީ ކޮންތާކު ތޯއެވެ؟ ރާއްޖެއަށް ދިމާވެގެން މިއުޅެނީ މިފަދަ ކަމެކެވެ. ކުރީގެ ވެރިކަމުގައި މި ލޯނުތައް އަނބުރާ ދެއްކޭނެ ގޮތަށް ދެމެހެއްޓެނިވި އާމްދަނީއެއް އުފެއްދުމަށް ނާކާމިޔާބުވުމެވެ.
އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހެނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ އަށެވެ. މުހިންމު އެހެން ލޯނުތަކުގެ ތެރޭގައި ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން 373.8 މިލިއަން ޑޮލަރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 375 މިލިއަން ޑޮލަރު ހިމެނެ އެވެ.
މި ގްރާފުން މިހިރީ ކުރީގެ ސަރުކާރުތަކުން ނެގި ބޮޑެތި ލޯނުތަކުގެ އަދަދާއި ލޯނު ދޫކުރި ފަރާތްތަކެވެ. މި ދަރަނިތައް ދެއްކުމަށް މިސަރުކާރަށް ލާޒިމް ކުރީމާ، ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތް މަންޒަރަކީ ކުރީ ސަރުކާރުތަކުގެ ދޯދިޔާކަމެވެ. ހިންގުމުގެ ނާޤާބިލްކަމެވެ. ކޮރަޕްޝަން އަށަގަނެފައިވާ މިންވަރެވެ. ކޮރަޕްޝަން މިބަހުގެ އަސްލު މާނައަކީ ޚިޔާނާތެވެ. ނުވަތަ ވައްކަމެވެ. ކޮންމެޔަކަސް، މިއަދު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުން މިއޮތީ ފެންނާށެވެ. ޤައުމަށް ލިބޭހާ ހުރިހާ ފައިސާއެއް ދޭން މިޖެހެނީ ކުރީ ސަރުކާރުތަކުން ނެގި ދަރަނިތައް އަދާކުރާށެވެ.

ރާއްޖެއަށް ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކު ގެނައުމުގެ މަސައްކަތް މިސަރުކާރުން ވަނީ ފަށާފައި. ޗައިނާގެ ބޭންކު ރާއްޖެއަށް އައުމަކީ ޑޮލަރަށް ބަރޯސާވުން ވަރަށް ބޮޑަށް ކުޑަކޮށްދީ އަދި ހަމައެހެންމެ ލޯނުތައް ދެއްކުމުގައި ފަސޭހަ ، ލުއި ގޮތްތައް ފެނިގެންދާނެ ކަމެއް. ރައީސް ޑރ.މުޢިއްޒު މިރާއްޖެ އާއުސްމިންތަކަކަށް ގެންގޮސްދޭނެ! މުސްތަޤުބަލުގައި ރާއްޖޭގެ ތަރައްޤީ ފެނިގެންދާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް
މިސަރުކާރުން މަސައްކަތް މިކުރަނީ، އިގްތިސާދު ހަމައަކަށް އެޅުވުމަށާއި ޒަރޫރީ ހިދުމަތްތައް ދެމެހެއްޓުމަށެވެ. ކުރު މުއްދަތުގެ ފައިދާތަކަށް ވުރެ ދިގު މުއްދަތުގެ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ސަމާލުކަން ދީގެންނެވެ. ބޭނުންވަނީ ރައްޔިތުންގެ ސަޕޯޓެވެ. އެކަތިގަނޑަކަށްވެ ތިބުމެވެ. ކުރީ ސަރުކާރުތަކުން ތިޔަ ރައްޔިތުންގެ ބޮލުގައި އަޅުވާފައި މިއޮތް ބޮޑު ދަރަނި ދައްކައި ޚަލާޞް ކުރާނެ ކަމަށް މި ސަރުކާރުން ޔަޤީންކަން އެބަ ދެއެވެ. ސަރުކާރުން އިޤްތިސާދު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މިވަނީ ދަށް ކޮށްފައެވެ. އެހެންނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިކަމަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް. އައިއެމްއެފް ގެ އެހީ ހޯދަންޖެހޭ ހިސާބަށް ދާން ޖެހޭނެ ކަމަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ސަރުކާރުން މިހާރު ވަނީ މި ދަރަނިތައް ދެއްކުމަށްޓަކައި ހަދަންޖެހޭ ހުރިހާ ފޯމިއުލާއެއް ހަދާފައެވެ. އެމެރިކާގެ ޑޮލަރަށް ބަރޯސާވުން ކުޑަކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ގޮތްތައް ހޯދައިފިއެވެ. އެހެންކަމުން ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ވަގުތީ އެއްޗެއް ކަމަށް މިސަރުކާރުން ބުނެއެވެ.









