އަންނަ ހަފުތާ ތެރޭގައި ތިން ރަށެއްގައި އައިސް ޕްލާންޓު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ބުނީ ސައޫދީ ފަންޑޫގެ އެހީގައި ހިންގާ މި ޕްރޮޖެކްޓު ކުރިޔަށް ދާނީ ށ. ފުނަދޫ، ދ. މީދޫ އަދި ދ.ބަނޑިދޫ ގައެވެ.
ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އައިސް ޕްލާންޓުތައް މި މަހުގެ ފަހުކޮޅު އެވޯޑުކުރެވޭނެއެވެ. މިކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ވުޒާރާއިން ފާހަގަ ކުރެއްވިއެވެ.
ސަޢުދީ ފަންޑުގެ އެހީގައިހީގައި ކުރިއަށްދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސް ޕްލާންޓު ތަރައްޤީކުރާ އިތުރު ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ އަދި ގދ. ރަތަފަންދޫ ހިމެނެއެވެ.
ސަރުކާރުން ވަނީ ޖުމްލަ 11 އައިސް ޕްލާންޓު ޤާއިމްކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަޢުދީ ފަންޑުގެ އެހީގައި ތަރައްޤީކުރާ 5 އައިސް ޕްލާންޓާއި، ސަރުކާރުގެ ޚަރަދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 6 އައިސް ޕްލާންޓެވެ. މި 11 އައިސް ޕްލާންޓާއެކު، ރާއްޖޭގައި އައިސް އުފެއްދޭ މިންވަރު 1880 ޓަނަށް އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.









