މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެފައިވާ ގޮތުގައި، އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ނިމިފައެވެ. މި ޚިދުމަތް މި މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ވަޖީހު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން، މި ޚިދުމަތް ފެށުމަށް ބޭނުންވާ ބަންކަރިންގ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފައެވެ. އަދި ބަންކަރިންގ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ޝަރުތެއް ކަމަށްވާ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް ގޭޓް) ވެސް ވަނީ ގާއިމްކޮށް ނިމިފައެވެ.
ވަޖީހު ވިދާޅުވެފައިވަނީ ބަންކަރިންގ އަކީ ޤައުމުގެ އިޤްތިޞާދަށް ބޮޑު، އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ. އަދި މިއީ މި ޤައުމުގައި ކުރަންޖެހި ނަމަވެސް މިހާތަނާއި ހަމައަށް ނުކުރެވި އޮތް ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަންކަރިންގ ޚިދުމަތާއެކު، އިންޓަނޭޝަނަލް ކަސްޓަމަރުންނަށް އިތުރު 14 ޚިދުމަތެއް އެ ސަރަހައްދުން ފޯރުކޮށްދޭން ފެށޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. މީގެ ސަބަބުން ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބަންކަރިންގ ޚިދުމަތާއެކު އެ ސަރަހައްދުން ފޯރުކޮށްދޭން ތައްޔާރުވެފައިވާ މެރިޓައިމް ދާއިރާގެ އެހެން ޚިދުމަތްތައް ސާފުވާނެ ގޮތަށް "އުތުރު މެރިޓައިމް ސާވިސަސް" ގެ ނަމުގައި ވެބްސައިޓެއް ވަނީ ގާއިމްކޮށްފައެވެ. އަދި ބަންކަރިންގ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އޮއިލް ޓާމިނަލް އާއި އޮއިލް ޓޭންކުތައް ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ބަންކަރިންގ ޚިދުމަތް މި މަހު ފަށަން ނިންމާފައިވާއިރު، އެ ޚިދުމަތް ދިނުމަށް "މެރިން އޭންޖަލް" އަދި "މެރިން ބެލާ" ނަމަކަށް ކިޔާ ދެ ބޯޓު ބޭނުންކުރާނެއެވެ. މި ދެ ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅުގައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ބަންކަރިންގ ޚިދުމަތް ފެށުމުން، ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ތެޔޮ ވިއްކުމުގެ އިތުރުން، އެހެނިހެން މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދި، ޤައުމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.









