ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި ލީޑަރޝިޕްގެ ދަށުން، ޗައިނާގެ ޕީޕަލްސް ބޭންކާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކެއް ޤާއިމްކުރުމަށް މުހިންމު ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުގެ މެދުވެރިކަމެއް ނެތި، ސީދާ ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، މި ފްރޭމްވޯކް ޤާއިމްކުރެވުމުން މާލީ އިސްތިޤްރާރާއި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން އެހެން ފައިސާތަކުގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކުގެ ރިސްކު ކުޑަކޮށް، އިޤްތިޞާދު ހަމަޖެއްސުމަށް ސަރުކާރަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި ބޭރު ފައިސާގެ އަގަށް އަންނަ އިތުރު ބަދަލުތައް މަދުކޮށް، ދިވެހި ރުފިޔާގެ އަގު ސްޓެބިލައިޒްކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމަކީ މަރުކަޒީ ބޭންކުން ނެރެފައިވާ އިތުރު ފައިސާ ހަރުދަނާކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް އުވާލައި، 6 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ބުރަ ލުއިކުރުމަށް މި އެއްބަސްވުން އެހީތެރިވެދޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މި އެއްބަސްވުމަކީ ފާހަގަކޮށްލެވޭ ފުރުޞަތެކެވެ. ޗައިނާގެ ބާޒާރަށް ފަސޭހަކަމާއެކު ވަދެ، އެ ޤައުމުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމްކޮށްދޭނެ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްވެ، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ހީވާގިކަމެއް ގެނެސް، ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި އަންނަނިވި ފައިދާތައް ލިބޭނެކަމަށް ބެލެވެއެވެ:
1. ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަވެ، ޚަރަދު ކުޑަވުން.
2. ބޭރު ފައިސާގެ ރިޒާވް ހަރުދަނާވެ، އިޤްތިޞާދީ ސްޓެބިލިޓީ އިތުރުވުން.
3. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވަނުމުގެ ފުރުޞަތު ފަހިވުން.
4. ޗައިނާއާއެކު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރުވުން.
5. ދިވެހި ރުފިޔާގެ އަގު ސްޓެބިލައިޒްވެ، އިންފްލޭޝަން ކޮންޓްރޯލްކުރުމަށް މަގުފަހިވުން.
އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ، ދުރު މުސްތަޤްބަލަށް ވިސްނައިގެން އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްވެ، ޤައުމުގެ މާލީ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.









