މަސްވެރިކަމުގެ ލައިސަންސް އޮތް ހުރިހާ ދޯންޏަކާއި ފަޅުވެރިން އޮކްޓޯބަރު މަހުގެ ނިޔަލަށް ދަފުތަރުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އެވުޒާރާގެ ޓީމުތައް އަތޮޅުތަކަށް ދަތުރުކުރަން ފެށުމާއި ގުޅިގެންނެވެ.
ވުޒާރާއިން ބުނި ގޮތުގައި، މި މަސައްކަތް އަވަސްކުރުމަށްޓަކައި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދެވެއެވެ. މި ގޮތުން މި ހަފުތާގައި ޅ، ދ، ލ، ގއ، ގދ، އަދި ސ. އަތޮޅުގައި ވުޒާރާގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވުޒާރާޒާރާއިން ހާމަކުރިއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށާއި، މި ދަފުތަރުގެ މަޤްޞަދަކީ މަސްވެރިކަން ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ. ދަފުތަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ 'ކެޔޮޅު' އެޕްލިކޭޝަން މެދުވެރިކޮށެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ބައެއް އަތޮޅުތަކުގައި 50% އަށްވުރެ ގިނަ ދޯނި ދަފުތަރުކުރެވިފައިވެއެވެ. އަދި މި މަސައްކަތުން ބިދޭސީންގެ ސަބަބުން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެކަމަށް ބެލެވޭ ކަމަށްވެސް ވުޒާރާއިން ފާހަގަކުރިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި މަސައްކަތް އަވަސްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އޮކްޓޯބަރު މަހުގެ ނިޔަލަށް މަސްވެރިކަމުގެ ލައިސަންސް އޮތް ހުރިހާ ދޯންޏަކާއި ފަޅުވެރިން ދަފުތަރުކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.









