މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
މި އަހަރުގެ އިނާމު ދެވޭ ތަ ނީ ހަތަރު ގިންތިއަކުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެއީ މަތީ ތަޢުލީމުގެ ކާމިޔާބީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުން، ރާއްޖޭގެ މުހިންމު މައްސަލައަކަށް ޙައްލު ހޯދުން އަދި ޒުވާނުންގެ އުފެއްދުންތެރި މަސައްކަތްތަކެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، އިނާމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް، ދެފުށް އެޓެސްޓްކޮށް ހުށަހެޅުމަށާއި، މުއްދަތު ހަމަވުމުގެ ކުރިން މަޢުލޫމާތުތައް އަލުން ބަލައި ޗެކްކުރުމަށް އެދޭ ކަމަށެވެ.
މި އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މި އިނާމަކީ ތަފާތު ދާއިރާތަކުން އެންމެ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމެކެވެ. މި އިނާމު ދިނުމުގެ މަޤްޞަދަކީ ޤައުމީ ތަރައްޤީއަށް މުހިންމު ހިއްސާއެއް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމެވެ.









