އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވާއިރު އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ މީހާ އުމުރުން 25 އަހަރު ވެފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ.









