ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފް އައްޔަންކުރުމާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ހުޅުވާލައިފިއެވެ. މި ޝަކުވާތައް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އަށެވެ. މިކަން ހާމަކޮށްފައި ވަނީ މިރޭ ރައީސް އޮފީހުން ނެރުނު އިއުލާނެއްގައެވެ.
މީގެ އިތުރުން، ޢައްބާސް ޝަރީފްއާ އިންޓަވިއު ކުރުމަށް ހޯމަ ދުވަހު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް މިހާތަނަށް 6 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.
ޕީޖީގެ މަޤާމަށް އައްޔަންކުރެއްވުމަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އައްބާސް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައެވެ،
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ދެވަނަ ޖަލްސާ އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.
މިި މުހިންމު މަޤާމަށް އައްޔަންކުރާ ފަރާތަކީ ޤާނޫނީ ގޮތުން އެންމެ އެކަށީގެންވާ ފަރާތްކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން މިފަދަ ފުރުޞަތެއް ޢާންމުންނަށް ދީފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އެންމެ އެކަށޭނަ ފަރާތެއް ހޮވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.









