"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮށް، އޮޕަރޭޓިންގ ލައިސެންސް ލިބެންދެން އެތަނުގެ ޚިދުމަތްތައް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އަންގައިފިއެވެ.
މިނިސްޓްރީން މިފަދައިން އަންގާފައިވަނީ "ފަޒީސް ހިޖާމާ ތެރަޕީ" އިން ރަޖިސްޓްރީ ނުކޮށް ޚިދުމަތް ދެމުންދާތީއެވެ.
ހެލްތު މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ނެތި އިޝްތިހާރުކުރުން ހުއްޓާލުމަށާއި ބަލިމީހުންގެ މެޑިކަލް ރިޕޯޓުތައް ނެގުން ހުއްޓާލުމަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި ޤަވާޢިދާ ޚިލާފަށް ޚިދުމަތް ދޭނަމަ ފިޔަވަޅު އެޅޭނެކަން ވެސް މިނިސްޓަރީން ވަނީ ފަޒީލާއަށް މީގެ ކުރިންވެސް އަންގާފައިވެއެވެ.
"ބަލި މީހުންގެ މެޑިކަލް ރެކޯޑްތައް އާއްމުކުރެވޭނީ އެފަދަ ހާލަތެއްގައި ބަލި މިހާގެ ހުއްދައާ އެކުގައެވެ،" މިނިސްޓްރީން ބުންޏެވެ.
އެހެންނަމަވެސް، މި އެންގުމާ ޚިލާފަށް ފަޒީލާ މިހާރު ވެސް ޚިދުމަތް ދެމުންދަނީ ހުއްދަ ނެތިކަން ފާހަގަކުރެވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހިދުމަތުން ދުވާލަކު 30,000 ރުފިޔާއާ ގާތްކުރާ އާމްދަނީއެއް ފަޒީލާއަށް ލިބެއެވެ.
މިނިސްޓްރީން ބުނީ ރަޖިސްޓްރީނުކޮށް އަދި އޮޕަރޭޓިންގ ލައިސަންސް ނުނަގައި ޚިދުމަތްދޭ ނަމަ، ސިއްޙީ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެކަން މިހާރު ޢިއުލާނުކޮށް އަންގާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ރާއްޖޭގައި ދެވޭ ސިއްޚީ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.








