ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ހެލްތު މިނިސްޓްރީން އިންޒާރު ދީފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިއްޙީ ޚިދުމަތްދެވޭނީ ރަޖިސްޓްރީކޮށް، އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.
"ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގރ 20 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްޙީ ޚިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއް ކަމުގައިވާތީ މިފަފަ ފަރާތްތަކާ ދޭތެރޭ ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޯލްޓަނޭޓިވް ބޭސްފަރުވާ، ދިވެހިބޭސް އަދި ހިޖާމާގެ ޚިދުމަތްތައް ޤާނޫނާ ޚިލާފަށް ދެމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި ފަޒީލާ އުސްމާންގެ ހިޖާމާގެ މައްސަލަ ހިމެނޭ ކަމަށާއި، މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ފަޒީލާ އުސްމާނަށް ހުއްދަ ހޯދުމަށް މުއްދަތެއް ދީފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީން މި އިންޒާރު ދީފައިވަނީ ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ރެގިއުލޭޓްކޮށް، ރައްޔިތުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޤާނޫނާ ޚިލާފަށް ޚިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.








