ފާއިތުވި މަސްތަކުގައި ބިދޭސީން ދިވެހި އަންހެނުންނާ ކައިވެނިކުރަން ހުށަހަޅާ މިންވަރު ކުއްލިއަކަށް އިތުރުވެފައިވާކަމަށް ފެމަލީ ކޯޓުން ބުނެފިއެވެ.
މިކަން ފާހަގަކުރެވިފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ކުރިއަށްދާ ބޮޑު އޮޕަރޭޝަނާ ގުޅިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގިނަ އަދަދެއްގެ ކައިވެނިތައް ކޮށްފައިވަނީ ދިވެހި އަންހެނުންނާއި ބިދޭސީ ފިރިހެނުންނާ ދެމެދުގައި ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
ފެމަލީ ކޯޓުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި 85 ދިވެހިން ބިދޭސީންނާއި ކައިވެނިކޮށްފައިވެއެވެ.
އެގޮތުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން، މި އަހަރުގެ ސެޕްޓެމްބަރު 8 އާ ހަމައަށް 266 ރެއިޑް އޮޕަރޭޝަން ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން 3,500 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.









