މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެ ރަށުގެ ގިނަ ބަޔަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިއްޖެއެވެ.
ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ސޮއިކުރައްވައި މިދިޔަ މަހުގެ 15 ގައި ރައީސަށް ފޮނުއްވި ސިޓީގައި ވަނީ އެ ރަށުގެ އާންމުންގެ ގިނަ ބަޔަކު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ޕެޓިޝަން، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ޙިއްސާކޮށް އެ މީހުންނަށް އޮތް ފުރުސަތުތަކަކީ ކޮބައިތޯ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ މެދު ކައުންސިލުން ވަކި ގޮތެއް ނުނިންމާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އަދި އެކަމާ މެދު ކައުންސިލުން ވަކި ގޮތެއް ނިންމާނީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން އަންގާ ގޮތެއް ބެލުމަށް ފަހު ކަމަށް ކައުންސިލުން ބުންޏެވެ.
114 މީހުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައިވަނީ ރަތްމަންދޫއަކީ އާބާދީ މަދު ރަށަކަށް ވުމާއި، އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ރަށަކަށް ވާތީ، ފުރުސަތުތައް ފަހި އާބާދީއަކަށް ހިޖުރަކުރަން ބޭނުންވާ ކަމަށެވެ.
ސަރުކާރުން ޢިއުލާނުކޮށްފައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު އޮތް ނަމަ އެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެދި ސަރުކާރުގައި އެދުމަށްވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ރަތްމަންދޫގައި މިވަގުތު 239 މީހުން ދިރިއުޅެމުން އަންނަ އިރު އޭގެ ތެރޭގައި ހިމެނެނީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ. ދަރިވަރުންގެ ޢަދަދު މަދުވުމުން ރަސްމީ ތަޢުލީމު ފޯރުކޮށްދެނީ ގްރޭޑް 6 އާ ހަމައަށެވެ. ސްކޫލުގައި ތަޢުލީމު ޙާސިލުކުރަމުން އަންނަނީވެސް އެންމެ 8 ދަރިވަރުންނެވެ.
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވާއިރު، ހދ. ހިރިމަރަދޫ ރައްޔިތުންވެސް ވަނީ ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހު ލޯކަލް ގަވަރނަންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ނިންމާފައިވާކަމަށް އެ ރަށު ކައުންސިލްގެ މެމްބަރުން ވިދާޅުވިކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާންކަން ކައުންސިލުން ފާހަގަކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ މާލެ ސަރަޙައްދުގެ ރަށަކަށް ހިޖުރަ ކުރަން ކަމަށާއި ތުލުސްދޫ ޚިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށެވެ.
ވަހީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިކަން ދަންނަވާފައިވާ ކަމަށާއި އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދޫއަށް ހިޖުރަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ދަންނަވައިގެން އެކަން ތަންފީޛުކުރުމަށް މިހާރު އޮތީ ހައުސިންގ މިނިސްޓްރީއާ ޙަވާލުކޮށްފައި ކަމަށް ވަހީދު ވިދާޅުވިއެވެ.






