ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 19 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީގެ ލީޑަރޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަދި އިންތިޚާބީ ކޮމިޓީގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 19 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އިންތިޚާބުތަކަށް މިއަދު ޢިއުލާނު ކުރެވިގެންދާނެ ކަމަށެވެ.
ޚަލީލް ވިދާޅުވީ ފޯމުތައް ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށެވެ. އަދި 4 އޮކްޓޯބަރުގައި ވޯޓާސް ލިސްޓު ޢިއުލާނު ކުރުމަށްފަހު، އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނީ 8 އޮކްޓޯބަރުގައި ކަމަށެވެ.
ޚަލީލް ވިދާޅުވީ މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރުގައި ކަމަށެވެ.
ޚަލީލް ވިދާޅުވީ މި އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާނެ ދާއިރާގެ ރައީސެއް އަދި ނައިބު ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބެއް ކަމަށެވެ. ޚަލީލް ވިދާޅުވީ މިހާރު ޕީއެންސީގެ މެމްބަރުން މަޖިލީހުގައި ތިއްބެވި ދާއިރާތަކުގައި، ދާއިރާގެ ރައީސުންނަށް ވެވަޑައިގަންނަވާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި ދާއިރާގެ ރައީސުން ހޮވުމަށް އިންތިޚާބު އޮންނާނީ މަޖިލީހުގައި މެމްބަރުން ނެތް ދާއިރާތަކުގައި ކަމަށް ޚަލީލް ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ދާއިރާއަކަށްވެސް ނައިބު ރައީސުން އިންތިޚާބު ކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ރަށެއް އަދި ސިޓީތަކުގައި އިންތިޚާބީ ދާއިރާތަކުގައި ސްޓިއަރިންގ ކޮމިޓީތައް ހުންނާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޓީތަކަށް އިންތިޚާބު ކުރެވިގެންދާއިރު އާބާދީގައި 3000 ހަމަ ނުވާ ރަށް ރަށުގައި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް އެކުލެވިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި 3000 އަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިޚާބު ކުރެވިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ސިޓީއަކަށްވެސް 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިޚާބު ކުރެވިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް އިތުރަށް ވިދާޅުވީ މިވަގުތު ޕީޕީއެމްގެ ކައުންސިލަރުންގެ ގޮތުގައި ރަށްރަށުގައި އަދި ސިޓީ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުންވެސް މި ކޮމިޓީގައި ޝާމިލުވެގެންދާނެ ކަމަށެވެ. އެގޮތުން އެ ބޭފުޅުންނަކީ އޮޓޮމެޓިކުން ސްޓިއަރިންގ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހަމަޖެހިގެންދާނެ ބޭފުޅުން ކަމަށް ޚަލީލް ވިދާޅުވިއެވެ.









