ހަނގުރާމަވެރި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން މަރާލާނަމަ ވެކްސިނެއް ވެސް އަދި ބޭހަކުން ވެސް އެހީތެރިކަމެއް ނުލިބޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
"މިހާ ބިރުވެރި ހާލަތެއްގައި މީހުން މަރާލައި ދިރިއުޅެން މަޖުބޫރު ކުރާނަމަ އެއްވެސް ވެކްސިނެއް އަދި ބޭހެއް ވެސް އެހީތެރިވެދެވޭކަށް ނެތް،" ގެބްރޭސަސް އޭނާގެ އެކްސް ޕްލެޓްފޯމް އެކައުންޓުގައި ބުންޏެވެ.
އިއްޔެގެ ހަމަލާއާއި ގުޅުވައި. ވަގުތުން ހަނގުރާމަ ހުއްޓާލުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ ޚާން ޔޫނިސްއަށް އިއްޔެ ދިން މަރުގެ ވައިގެ ހަމަލާތަކުން މި ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭކަން އެނގޭކަމަށެވެ.
އަންގާރަ ދުވަހުގެ ފަތިސް ވަގުތު ހައްދުފަހަނައެޅި ސިފައިން ވަނީ އަމާންކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވާ އަލް މަވާސީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ ޓެންޓްތަކަށް އަމާޒުކޮށްގެން ޤަތުލުއާންމެއް ހިންގައި މަދުވެގެން 40 ފަލަސްތީނުގެ މީހުން ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން 60 މީހުން ވަނީ ޒަޚަމް ވެފައެވެ.
އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަމަލާ ކުރިއަށް ގެންގޮސްފައިވަނީ ރަފާހުގައި ހިންގާ އަސްކަރީ ހަމަލާ ހުއްޓާލުމަށް ގާނޫނީ ގޮތުން ބާރުވެރި ނިންމުމެއް ނެރުނު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި، އެތަނުން އެކަމަށް ފިޔަވަޅެއް ނޭޅި އުޅެނިކޮށެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަނާކުރަނިވި ހަނގުރާމައެއް ކުރަމުން އަންނައިރު، ފަލަސްތީނުގެ 41،020 މީހުން ޝަހީދުވެ، 94،925 މީހުން ޒަޚަމްވެފައިވެ އެވެ.
މީގެ އިތުރުން، މުޅި ޢައްޒާގައި ވެއްޓިފައިވާ ގެތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވޭ މަދުވެގެން 10،000 މީހުން ތިބޭނެ ކަމަށް ޚަބަރުތައް ބުނާއިރު ޝަހީދުވެފައިވާ މީހުންގެ ލިސްޓުުގައި އެމީހުންގެ ނަންތަކެއް ނުހިމަނައެވެ. އެމީހުންގެ ހަށިތައް ނެގުމުން ، ކާކުކަން ކަށަވަރު ކުރުމަށްފަހު ލިސްޓު އަޕްޑޭޓްކުރާނެ ކަމަށް ފަލަސްތީނުން ބުނެއެވެ.
ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވެ ނުވަތަ މަރުވެ ޒަޚަމްވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ މުޅި ސަރަހައްދުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނެރެފައިވާއިރު، ގެދޮރު ދޫކޮށް ދިޔަ މީހުންގެ ބޮޑު ބައެއް ވަނީ މިސްރާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ދިޔުމަށް މަޖުބޫރުކޮށްފަ އެވެ.









