އިސްލާމިކް މިނިސްޓްރީން ހާފިޒުން ޢުމްރާއަށް ފޮނުވުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، ޢުމްރާއަށް ފޮނުވޭ ތިންވަނަ ހާފިޒަކަށް އަލްހާފިޒް އަޒިން މުޙައްމަދު ހޮވިއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވޭ ދެވަނަ ހާފިޒަކީ ޅ. ނައިފަރު ބަށިމާގެ، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް ކަން ޢިއުލާނުކޮށްފައިވަނީ އިއްޔެއެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވޭ ފުރަތަމަ ހާފިޒަކީ އަލްޙާފިޒް އަލީ ރައީފެވެ. ރަޢީފަށް ވަނީ މިހާރު މިކަމުގެ ލިޔުން ވެސް އަރުވާފައެވެ.
ޤުރުއާން ހިތުދަސް ކުރާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެށުމަށް ނިންމާފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ހިތްވަރުދިނުމެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުއަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިންނެވެ. އަދި މިފަދަ ކަންކަމުގައި މުޖުތަމަޢުގެ ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށާއި ޤުރުއާން ހިތުދަސްކުރާ ޖީލެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ.









