ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ވަރަށް އަވަހަށް ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބާ ކަމާމެދު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްޞީލެއް ހީނާ ޙިއްސާކުރައްވާފައެއް ނުވެއެވެ.
ރައީސް މުޢިއްޒު ވަނީ މީގެ ކުރިންވެސް އިންޑިއާއަށް ދަތުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅު ކުރައްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުމޫއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާތައް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ.









