މިއަދު ހަވީރު ހުޅުމާލޭގައި އެމްޓީސީސީގެ ދެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވިނަރެސް ފްލެޓް ކައިރީގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައިއެވެ.
މި ހާދިސާ ހިނގި ސަބަބު މި ވަގުތު އަދި ސާފުވެފައި ނުވާކަމަށާއި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައި، ދެ ޒުވާނަކު ނިޔާވި ދަނޑިވަޅެއްގައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 1900 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފައެވެ.
މި ހާދިސާއާ ގުޅިގެން، މަގުމަތީގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ބޮޑެތި އުޅަނދުތައް ދުއްވާ ފަރާތްތަކަށް އިތުރަށް ފަރުވާތެރިވުމަށް ވަނީ އިރުޝާދުދީފައެވެ.









