އޮގަސްޓް 22 ވަނަ ދުވަހު އަލްއުސްތާޒު ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުން ހުސްވެފައިވާ މަގާމާ ގުޅިގެން އާ ޕްރޮސިކިއުޓާ ޖެނެރަލަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ޖެހެނީ 92 މެމްބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި އެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ކުރިއަށް ދިއުމަށް ބޭނުންވާ 31 ސޮއި ހަމަވެފައިވާކަން ޚުލާސާއަށް ކަށަވަރުކޮށްދީފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެޕޮއިންޓްމަންޓް ޕްރޮސެސް އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެ ޖަލްސާއެއް ބާއްވާއިރު، ރައީސް އޮފީހުން އެ މަގާމަށް ފޯމު ބަލައިގަތުމުގެ ސުންގަޑި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ފޯމު ހުށަހަޅަން ޖެހޭނީ ސެޕްޓެމްބަރު މަހުގެ 10 އާއި 11 ވަނަ ދުވަހުގެ ހެނދުނު 08:30 އާއި މެންދުރު 12:00 އާ ދެމެދު އިއުތިރާފާއި ޖިނާއީ އަދި ދަރަނީގެ ރެކޯޑާއި ސިޔާސީ ޕާޓީ ރަޖިސްޓްރީއާ ގުޅޭ ފޯމު ވެސް ހިމެނޭ ގޮތަށެވެ.









