އިންޑިއާގެ މަނިޕޫރު ސްޓޭޓުގައި ދެ ޤަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެއްޖެއެވެ. އޮފިޝަލުން ބުނާ ގޮތުގައި އިންޑިއާގެ މަނިޕޫރު ސްޓޭޓުގައި މި ހަމަނުޖެހުންތަކުގެ އެއް ދުވަސް ކުރިން ހަރުކަށި ފިކުރުގެ މީހުން ރޮކެޓު ހަމަލާއެއްވެސް ފޮނުވާލި ކަމަށާ، އޭގެ ފަހުން ކަމާބެހޭ ފަރާތްތަކުން ވަނީ ސްކޫލްތައް ބަންދުކޮށްފަ އެވެ.
މެޖޯރިޓީ ހިންދޫ މެޓީ ގަބީލާ އާއި ކްރިސްޓިއަން ކުކީ ގަބީލާއާ ދެމެދު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަނިޕޫރު ސްޓޭޓުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބިމުގެ މިލްކުވެރިކަމާއި ސަރުކާރުގެ ވަޒީފާތައް ހޯދުމުގެ މައްސަލައިގައި މެޓޭ އާއި ކުކީ ދަރިކޮޅުގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން ކޯޅުންތަކެއް އުފެދިފައިވެ އެވެ.
އެންޑީޓީވީން ބުނި ގޮތުގައި ސިފައިންގެ ހެލިކޮޕްޓަރުތަކުން މޮނިޓަރ ކުރަމުންދާ ކަމަށާއި 'ޝައްކު ކުރެވޭ ސަރަހައްދުތަކުގައި' ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހުކުރު ދުވަހުގެ ހަވީރު މަނިޕޫރު ރައިފަލްސްގެ ކެމްޕަހުން ހަތިޔާރު ލޫޓުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ ހާލަތު ކޮންޓްރޯލްކޮށްފަ އެވެ.
އިންޑިއާގެ ޕްރެސް ޓްރަސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިދާފައި އޮއްވާ އެކަކު ބަޑިޖަހައި މަރާލާފައިވާއިރު އިތުރު ހަތަރު 'ހަނގުރާމަވެރިން' ވަނީ ބަޑީގެ ހަމަލާތައް ބަދަލުކުރުމުގައި މަރުވެފައެވެ.
ހަނގުރާމަވެރިންގެ ރޮކެޓު ހަމަލާތަކުގެ ސަބަބުން އިއްޔެ ސްކޫލްތައް ބަންދުކޮށްފި ކަމަށާ މި ހަމަލާގައި އުމުރުން 78 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު ހަ މީހަކު ޒަހަމްވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ރޮކެޓްތައް ފޮނުވުމުގެ ކުރިން ހަނގުރާމަވެރިން ވަނީ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައެވެ.
ޑްރޯން ހަމަލާގައި 31 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ދަ ހިންދޫ އިން ބުނާ ގޮތުގައި ދެ ގިންތިން ވެސް ބުނަނީ ހަމަނުޖެހުންތަކުގައި މަރުވި މީހުންނަކީ 'ވޮލަންޓިއަރުން' ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހު ފެށި ނަސްލީ ހަމަނުޖެހުންތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވެ އެވެ.









