ހުޅުމާލޭ ހަލިމަގު ސަރަހައްދުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، ހުޅުމާލޭ ހަލިމަގު ކައިރީ އިންނަ ވިލާ ޕެޓްރޯލްޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރެވުނެވެ. މި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކާއި ފިރިހެނަކު ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައި ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް މިވަގުތު އެނގިފައި ނުވާކާކަމަށާއި، އަނިޔާވި ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ވެސް އަދި ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް، މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ ކަމެވެ. އަދި މިދިޔަ ބުދަދުވަހުގެރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން އަނިޔާވި މީހާ މިއަދު މަރުވެފައިވާ ކަމެވެ.
ފަހަކަށް އައިސް މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 1900 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވެއެވެ. މި ހާދިސާއާ ގުޅިގެން ދުއްވާ އެއްޗެހި ދުއްވުމުގައި ސަމާލުވުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









