އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް މުދާ ގެންނަ "އެމްވީ ނިއުމަތު" އަންނަ ބުދަ ދުވަހު ހިިތަދޫ ރީޖަނަލް ޕޯޓަށް ކައިރި ކުރާނެ ކަމަށް އެމްޕީއެލުން މިއަދު ބުނެފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯ ކޮންޓެއިނާ އަންނަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ބަނދަރުކުރާނެ ކަމަށެވެ.
"300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ހިތަދޫ ރީޖެނަލް ޕޯޓަށް. އައްޑޫ ސިޓީ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓުޓިކޮރިން ލޯޑު ކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ކުރަމުން އެބަދޭ. ޝެޑިއުލްގައި ވާގޮތުން މިބޯޓަށް ހިތަދޫ ޕޯޓަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހު." ވަޖީހު ވިދާޅުވިއެވެ.
މި ބޯޓުން ގެންދާ މުދާތަކުގެ ތެރޭގައި ތަރުކާރީއާއި މޭވާ އަދި ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނެއެވެ. މިއީ، އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މި ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން، މެދު ނުކެނޑި، އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެކެއް ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި އުފެއްދުންތެރިކަމުގެ އާ ރެކޯޑެއް އެމްޕީއެލުން ވަނީ ގާއިމުކޮށްފައެވެ. އެގޮތުން އެމްޕީއެލްގެ ހަޔާތުގައި، އެއްދުވަހަކަށް އެންމެ ގިނަ ކޮންޓެއިނާރ ހޭންޑުލް ކުރެވުނު ތާރީޚީ ދުވަހެއްގެ ގޮތުގައި ބުރާސްފަތި ދުވަސް ވެގެން ދިޔައިރު، 934 ކޮންޓެއިނާރ އަށް ޚިދުމަތް ދެވިފައި ވެއެވެ. މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނާރ އެއްދުވަހަކަށް ހޭންޑުލް ކުރެވިފައިވަނީ ވެސް މި ދައުރުގައެވެ. އެއީ 650 ކޮންޓެއިނަރެވެ.
އެމްޕީއެލްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދާނީ، "ލައިޓެނިންގް ސްޕީޑު" ގައި މަސައްކަތްކޮށް ރައްޔިތުން ހިތްހަމަ ޖެހޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލުން ބުނެއެވެ.









